Articles

ކިޔަވައިދިނުމާއި މަލްޓިމީޑިޔާ

1 ތަޢާރަފް

[ކިޔަވައިދިނުމާއި މަލްޓިމީޑިޔާ]ގެ ނަމުގައި ތައްޔާރު ކޮށްފައިވާ މި ދިރާސާ ރިޕޯޓަކީ ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒްގެ މޮޑިޔުލެއް ކަމަށްވާ 'މަލްޓިމީޑިޔާ ޓެކްނޮލޮޖީސް ފޯރ ޓީޗަރސް'ގެ ލެކްޗަރަރ އަލްފާޟިލް އިބްރާހީމް ނަސްރީންގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ހަދާފައިވާ އެސައިންމެންޓެކެވެ.
މި އެސައިންމެންޓްގެ މައިގަނޑު މަޤުޞަދަކީ، ޒަމާނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކިޔަވައިދިނުމަށް އެންމެ ބޮޑަށް އަސަރު ކުރުވާ ވަޞީލަތްތާއި ބެހޭގޮތުން މުދައްރިސުން ހޭލުންތެރިކުރުވާ، މަލްޓިމީޑިޔާއަށް ލޯހުޅުވައިދިނުމެވެ.
މިއެސައިންމެންޓުގައި ހިމަނާލެވިފައިވާނީ މަލްޓިމީޑިޔާއަކީ ކޮބައިކަމާއި މަލްޓިމީޑިޔާއާއި ކިޔަވައިދިނުމާއި ހުރި ގުޅުމާއި އިންޓަރނެޓާއި މުސްތަޤުބަލުގައި މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް އަންނާނެ ބަދަލުތަކެވެ. އަދި ދަރިވަރުން އަމިއްލައަށް ހަދާފައިވާ މަލްޓިމީޑިޔާ ޓޫލެއް ކަމަށްވާ ސްމާރޓް ބޯޑު އެޕްލިކޭޝަނެއްގެ ސާމްޕަލެއްގެ ތަޢާރަފަކާއި އެ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުވެސް ހިމަނާލެވިފައިވާނެއެވެ.

2 މަލްޓިމީޑިޔާ އަކީ ކޮބާ؟

ޒަމާނަށް އަންނަމުން ދިޔަ ބަދަލުތަކާއި އެކު އިންސާނުންގެ ވިސްނުމަށްވެސް ބޮޑެތި ބަދަލުތަކެއް ދިޔައީ އަންނަމުންނެވެ. އިންސާނުން ދިރިއުޅެމުންއައި [އުނދަގޫ] ދިރިއުޅުން ދޫކޮށް [ފަސޭހަ] ދިރިއުޅުމަކަށް ވާޞިލުމަށް މަސައްކަތްކުރަން ފެށުނެވެ. މިގޮތުން އިންސާނުން ބޭނުންކުރަމުން އައި މުވާޞަލާތީ ވަޞީލަތްތަކަށާއި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އޮޑިދޯނިފަހަރަށާއި ހިފާގެންގުޅޭ އެންމެހާ އާލާތްތަކަކަށް އެންމެ ބޮޑު އަސަރެއްކުރުވި އަސާސަކީ މަލްޓިމީޑިޔާއެވެ. މަލްޓިމީޑިޔާއަކީ އިލެކްޓްރޯނިކް ވަޞީލަތެއް ބޭނުންކޮށްގެން މަޢުލޫމާތެއް ދިނުމަށް ބޭނުންކުރާ ބާވަތެކެވެ. މަލްޓިމީޑިޔާގެ ތެރޭގައި ފޮޓޯ، އޯޑިޔޯ، ވީޑިޔޯ އަދި އިންޓަރނެޓް ހިމެނެއެވެ. މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މުވާސަލާތު ކުރެވޭ ވަރަށް ފަސޭހަ ވަޞީލަތެކެވެ.

3 ކިޔަވައިދިނުމުގައި މަލްޓިމީޑިޔާގެ ދައުރު

އިރެއްގަ، ޖަނަވާރުންގެ ހަމުގަޔާއި ފަތްފަތުގަ އަދި އޮށިކޮޅުކޮޅުގައި ލިޔެގެން ކިޔަވާނެ ބަޔަކު އުޅުނެއްކަމަކު މިއަދު އެޙާލުގައި ތިބެގެން ކިޔަވާނެ ބަޔަކު ނުވާނެކަން އެއީ އެއްވެސް ދެބަސްވުމެއް ނެތް ޙަޤީޤަތެކެވެ. އަދި ތަޢުލީމީ ދާއިރާ މިއަދު ތަރައްޤީކޮށް ލުއިފަސޭހަ އެއްޗަކަށް ހަދައިދީފައި މިވަނީ މަލްޓިމީޑިޔާ ކަމަށްކަން އެއްވެސް މީހަކު ދެކޮޅު ނުހަދާނެކަން ކަށަވަރެވެ. ތަޢުލީމީ ދާއިރާ މިވަނީ މަލްޓިމީޑިޔާއާއި އެހާވެސް ގުޅިފައެވެ.
ކްލާސްރޫމް ތަކުގައި ހަމައެކަނި ބޯޑާއި ޗޯކް ނުވަތަ މާކަރުގެ އެހީގައި ކިޔަވައިދިނުމުގެ ބަދަލުގައި މަލްޓިމީޑިޔާގެ ކޮންމެވެސް ވަޞީލަތެއް ބޭނުންކޮށްގެން ކިޔަވައި ދިނުމަކީ ދަރިވަރުން ޝައުޤުވެރިކަމާއި އެކު ކުލާހުގައި ތިބޭނެކެމެވެ. މިގޮތުން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ބޭނުންކުރުމާއި ސްމާރޓް ބޯޑް ބޭނުން ކުރުން މުހިއްމެވެ. ކޮންނޯރއާއި ވޮންގ (2004) އަދި ބާރޗްއާއި ކޮބާރން (2003) ށް ހަވާލާދެއްވާ ނޫރީއާއި ޝާހިދު (2005) ވިދާޅުވެފައި ވަނީ ކްލާސްރޫމްތަކުގައި ޕަވަރޕޮއިންޓާއި މަލްޓިމީޑިޔާ ބޭނުންކުރުން ދުވަހުން ދުވަހަށް ވަރަށް ބާރު ދުވެއްޔެއްގައި އިތުރު ވަމުން އަންނަކަމަށެވެ. މިފަދަ ޓޫލްތައް ބޭނުންކުރުމަށް ދުނިޔޭގެ މާހިރުން ބާރުއަޅުއްވައެވެ. ސަބަބަކީ މިފަދަ ޓޫލްތައް ބޭނުންކުރުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސް ގުޅިގެން އެކުވެރި މާހައުލެއްގައި ކިޔެވުމުގެ ދޮރު ހުޅުވިގެން ދެއެވެ.
 

މައުޓޯން އަދި މޭޔަރ (2001)ށް ހަވާލާދެއްވާ ރަޔާން (2011) ވިދާޅުވާ ގޮތުގައި އުނގެނުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް މަލްޓިމީޑިޔާ ޓެކްނޮލޮޖީ އެހީތެރިވެދެއެވެ. މަލްޓިމީޑިޔާގެ ތެރޭގައި ހިމެނޭ ޓެކްސްޓާއި ގްރެފިކްސް އަދި އެނިމޭޝަންއާއި ވީޑިޔޯ ބޭނުން ކޮށްގެން ކިޔަވައިދިނުމާއި ހަމައެކަނި ލެކްޗަރ އުޞޫލުން މުދައްރިސް ހުރެގެން ފިލާވަޅުތަކެއް ނަގައިދިނުމާއި ތަފާތުވާނެއެވެ. އެގޮތުން ދަރިވަރުންނާއި އެއްވެސް ގުޅުމެއްނެތި ލެކްޗަރ އުޞޫލުން ކިޔަވައިދޭނަމަ ގިނަކުދިން ތިބޭނީ ނިދި އައިސްފައި ނުވަތަ ފޫހިކަންމަތީގައެވެ.


ވީމާ ސްޓޫޑެންޓް ސެންޓަރޑް ލަރނިންގ އުޞޫލުން ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނާއި މުދައްރިސާއި ދެމެދު ގާތް ގުޅުމެއް އުފައްދަން ޖެހެއެވެ.  ގާތް  ގުޅުމެއް  އުފެއްދުމަށްޓަކައި ކުދިން ޝައުޤުވެރިކަމާއި އެކު ކުލާހުގައި ތިބެވެނެ ކޮންމެވެސް ނިޒާމެއް ކަނޑައަޅަންވެސް ޖެހެއެވެ. މަލްޓިމީޑިޔާ ބޭނުންކުރުމުން މި ދެންނެވިފަދައިން ކުދިން ޝައުޤުވެރިކަމާއި އެކު ކުލާހުގައި މަސައްކަތްކުރެއެވެ.

4 ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުގެ ފައިދާތައް

މަލްޓިމީޑިޔާ ބޭނުންކުރުމުގެ ސަބަބުން ކިޔަވައިދިނުމަށް އެތައް ގިނަގުނަ ފައިދާތަކެއް ކުރާކަމަށް މަލްޓިމީޑިޔާ ބޭނުންކުރައްވާ، ތަޢުލީމީ ދާއިރާގައި އުޅުއްވާ ބޭފުޅުން ވިދާޅުވެއެވެ. މިގޮތުން ޓީޗަރުންނަށް ފިލާވަޅު ނަގައިދިނުމުގައި ތަފާތު މަލްޓީމީޑިޔާގެ ވަޞީލަތްތައް ބޭނުން ކޮށްގެން ކުދިން ޝައުގުވެރިވާ ގޮތަށް ފިލާވަޅު ތައްޔާރުކުރެވެއެވެ. ޓީޗަރުން ގެ ހުނަރު ބޭނުން ކޮށްގެން ކުދިން ފިލާވަޅު ފަސޭހައިން ނަގައިގަންނަ ގޮތަށް އެކުދިން ގެ ބައިވެރިވުން ހިމެނޭ ގޮތަށް ފިލާވަޅު ކުރިއަށް ގެންދެވެއެވެ. މިގޮތަށް ހެދުމުގެ ސަބަބުން ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ފުރުޞަތު ލިބުމުގެ އިތުރުން ކުދިން ކިޔަވާ މާހައުލަކީ އުފާވެރި އަދި ފައިދާ ކުރުވަނިވި މާހައުލަކަށް ވެއެވެ.
މަލްޓީމީޑިޔާގެ ވަޞީލަތްތަކުގެ ސަބަބުން އެކި ގޮތްގޮތަށް ހަރަކާތްތެރިވެ ތަފާތު ގޮތްގޮތުން އުގެނުމަށް ހިތްވަރު ލިބެއެވެ. އާކަންތައް ހޯދާ ތަޖުރިބާކޮށް ދިރާސާ ކުރުމަށް ކުދިންނަށް ހިތްވަރު ލިބެއެވެ. މިކަމުގެ ސަބަބުން ކުދިންގެ ނަތީޖާ ރަނގަޅުވެ ކުދިން އުގެނުމަށް އިތުރަށް މަސައްކަތް ކުރެއެވެ. މީގެ އިތުރުން މަލްޓިމީޑިޔާ ޓޫލްސްގެ އެހީގައި ކިޔަވައިދިނުމުން ކުދިން ގެ ހަދާނުގައި ފިލާވަޅުތައް ހަރުލުމަށް ފަސޭހަ ވެގެންދެއެވެ. އެކި ކަހަލަ މަލްޓިމީޑިޔާ ގެ ވަޞީލަތްތަށް ބޭނުންކުރުމުން ކުދިން ޝައުގުވެރިވެ އަދި ބައިވެރިވުން އިތުރުވުމުގެ ނަތީޖާއަކަށް ވެގެން ދަނީ ދިގު މުއްދަތަކަށް އެކުދިން އެފިލާވަޅު ހަދާންހުރެ އިތުރު މަޢުލޫމާތު ފިލާވަޅާ ގުޅޭގޮތުން ހޯދުމަށް މަސައްކަތް ކުރަމުންގެންދާ ކަމެވެ. މިކަމުގެ ސަބަބުން ކުދިން ތިބެނީ ފިލާވަޅު ވަރަށް ބޮޑަށް ފަރިތަވެފައެވެ.
މަތީގައި ފާހަގަ ކުރެވިފައި އެވަނީ މަލްޓިމީޑިޔާގެ ސަބަބުން ތަޢުލީމީ ދާއިރާގައި ކުރާނެ ބައެއް ފައިދާތަކެވެ. ނަމަވެސް މީގެ އިތުރުން އެތައް ފައިދާތަކެއް މަލްޓިމީޑިޔާގެ ސަބަބުން މި ދާއިރާއަށް ކުރެއެވެ.

5 ސްމާރޓް ބޯޑް / ސްމާރޓް ފޯން އެޕްލިކޭޝަން

މި ސުރުޚީގައި ހިމަނާލާފައިވާނީ މަލްޓިމީޑިޔާގެ ޓޫލެއްގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންކުރެވިދާނެ އެޕްލިކޭޝަނެއްގެ މަޢުލޫމާތެވެ. މި އެޕްލިކޭޝަނަކީ އަޅުގަނޑާއިއެކު ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް(3)ގައި ކިޔަވަމުންދާ ފިރިހެންކުދިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

5.1 ތަޢާރަފް

އަޅުގަނޑުމެންގެ މި އެޕްލިކޭޝަންގެ ނަމަކީ [ވެބް ލަރނިންގ (ވަރސަން 1.0.1) ] އެވެ. މިއީ ކުލާސްތެރޭގައި  ނަމަ  ސްމާރޓް  ބޯޑުގައި  ބޭނުންކުރެވޭ  ގޮތަށް  ފަރުމާކޮށްފައިވާ  އެޕްލިކޭޝަނެކެވެ. އަދި މިއެޕްލިކޭޝަން ސްމާރޓް ފޯންތަކާއި ޓެބްލެޓާއި އައިޕެޑްތަކަށްވެސް އިންސްޓޯލް ކޮށްގެން، ގޭތެރޭގަޔާއި ސްޓަޑީ ރޫމްތަކުގައި އަދި ދުއްވަމުންދާ ކާރު ނުވަތަ ފެރީގައި ތިބެގެންވެސް ބޭނުންކުރެވިދާނެ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން (ވެބް ލަރނިންގ) ޚާއްޞަކުރެވިފައި ވަނީ ގްރޭޑް 12–8 ށް އިސްލާމް ކިޔަވައިދެއްވާ މުދައްރިސުންނަށާއި އެ ގްރޭޑްތަކުގައި އެމާއްދާ ކިޔަވާ ދަރިވަރުންނަށެވެ. ވެބް ލަރނިންގ ފަރުމާކުރުމުގައި ބަލާފައިވާނީ މުދައްރިސުންނަށާއި ދަރިވަރުންނަށް މި އެޕްލިކޭޝަނަކީ ވީހާވެސް ފަސޭހައިން ބޭނުންކުރެވޭ އެޕްލިކޭޝަނަކަށް ހެދުމަށެވެ.

5.2 ވެބް ލަރނިންގ ބޭނުންކުރުން

ވެބް ލަރނިންގ ބޭނުންކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ވެބް ލަރނިންގ އެޕްލިކޭޝަން އިންސްޓޯލް ކުރާށެވެ.
ފުރަތަމަ ޞަފްޙާ: މި ޕޭޖުން ފެނިވަޑައި- ގަންނަވާނީ  ކިޔަވައިދޭން ނުވަތަ ކިޔަވަން ބެނުންވާ މައިގަނޑު މައުޟޫޢު ތަކެވެ. މިބައިތަކުގެ ތެރޭގައި މުރާޖަޢާވެސް ހިމެނިފައިވާނެއެވެ.
އިޚްތިޔާރީ ބައިތައް: މިއީ އެޕްލިކޭޝަންގެ ފުރަތަމަ ޞަފުޙާއިން ބޭނުންވާ މައިގަނޑު ސުރުޚީއެއް އިޚްތިޔާރު ކުރުމުން ފެންނަ ބައިތަކެވެ. މިސާލަކަށް ޤުރްއާން އިޚްތިޔާރުކޮށްފިނަމަ އިތުރު ޗޮއިސްތަކެއްގެ ގޮތުގައި މުޞްޙަފް، ސޫރަތްތައް، ތަފްސީރު ވީޑިޔޯ އަދި އޯޑިޔޯ ޚިޔާރުކުރެވެން ހުންނާނެއެވެ. ތިރީގައި އެވަނީ އިޚްތިޔާރީ ބައިތައް ހިމެނޭ ޞަފްޙާގެ ސްކްރީން ޝޮޓެކެވެ.

މުރާޖަޢާ: މިބައިގައި ހިމަނާނެލެވިފައިވާނީ ދަރިވަރުންގެ އިމްތިޙާނުތަކަށް ފައިދާކުރާނެ ތަފާތު ދައިރާތަކުގެ ސުވާލުތަކާއި ކުއިޒުތަކެވެ. ކްލާސްރޫމްތަކުގައި މި އެޕްލިކޭޝަން ބޭނުންކޮށްގެން ތަފާތު އެކްޓިވިޓީތައް ކުރިޔަށް ގެންގޮސް ޝައުޤުވެރިކަމާއި އެކު ކުލާސް ކުރިއަށް ގެންދެވިދާނެއެވެ.
ކިޔަވައިދިނުމުގައި މިއެޕްލިކޭޝަން ބޭނުންކުރުމުގެ ސަބަބުން ޝައުޤުވެރި އުނގެނުމަކަށް މަގުފަހިވެއެވެ. އަދި ފަސޭހައިން ފިލާވަޅުތައް ރައްކާކުރެވެއެވެ. މި އެޕްލިކޭޝަންގެ ސަބަބުން ފޮތްތައް ގަންނަށް ނުޖެހުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ޚަރަދުވެސް ކުޑަކޮށްދެއެވެ.

6 ކިޔަވައިދިނުމާއި އިންޓަރނެޓް

އިންޓަރނެޓަކީ މުޅި ދުނިޔެ ކުޑަކޮށްލި ވަޞީލަތެވެ. މިއަދު އިންޓަރނެޓް ބޭނުންކޮށްގެން ދުނިޔޭގެ އިރުމަތީގައި އޮންނަ ބަލިމީހާ އޮޕަރޭޝަން ކޮށްލުމުގެ ޤާބިލުކަން ހުޅަނގުގައި ހުންނަ ޑޮކްޓަރަށް ހޯދައިދެއެވެ. އަދި މަޢުލޫމާތު އެއްކުރުމަށާއި ރިސާޗްތައް ކުރުމަށް އިންޓަރނެޓް އަދާކުރާ ދައުރަކީ އެހެން އެއްވެސް ވަޞީލަތަކަށް އަދާކުރެވޭނެ ދައުރެއް ނޫނެވެ.
ރިޕޯރޓްގެ މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާނީ އުނގަންނައި ދިނުމާއި އުނގެނުމުގައި އިންޓަރނެޓްގެ މުޙިއްމުކަމާއި އިންޓަރނެޓް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ އަޚުލާޤީ މިންގަނޑުތަކަށް ދަރިވަރުން ހޭލުންތެރިކުރުމުގައި މުދައްރިސުންގެ ދައުރެވެ.

6.1 އިންޓަރނެޓްގެ މުހިއްމުކަން

އިންޓަރނެޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނަ ކޮމްޕިޔުޓަރ ވިއުގަތައް އެކަތި އަނެކައްޗާއި މުވާޞަލާތީ ގޮތުން ގުޅާލުމަށް ނުވަތަ އެއް ކޮމްޕިޔުޓަރ އަނެއް ކޮމްޕިޔުޓަރާއި މުވާޞަލާތީ ގޮތުން ގުޅާލުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވިޔުގައެކެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން މަޢުލޫމާތު ހޯދާ އަދި ބޭނުން މަޢުލޫމާތެއް ފަސޭހަކަމާއިއެކު އެއްކޮށްލުމަށް ދަރިވަރުންނަށް ދަރިވަރުންނަށް އެހީވެދެއެވެ (އިބްރާހީމް ނަސްރީން، 2013، ޞ. 4). ދުނިޔޭގައި އިންޓަރނެޓް ބޭނުންކުރާ ނިސްބަތް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާ ސަބަބަކީ އެއީ އެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2007 އަހަރު ދުނިޔޭގައި އެންމެ ގިނައިން އިންޓަރނެޓް ބޭނުންކުރަނީ އޭޝިޔާއެވެ. ދެން ޔޫރަޕެވެ.

ޗާރޓް 6.1.1

6.2 އިންޓަރނެޓް ބޭނުންކުރުމާއި އަޚްލާޤީ މިންގަނޑުތަކަށް ދަރިވަރުން ހޭލުންތެރިކުރުމުގައި މުދައްރިސުންގެ ދައުރު

އިންޓަރނެޓް ބޭނުންކުރުމާއި އަޚްލާޤީ މިންގަނޑުތަކަށް ދަރިވަރުން ހޭލުންތެރިކުރުމުގައި މުދައްރިސުންނަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެއެވެ. މިގޮތުން ދަރިވަރުންނަށް މަސައްކަތްތައް ހަވާލުކުރާއިރު އިންޓަރނެޓުން މަޢުލޫމާތު ހޯދުމަށް އިރުޝާދު ދޭއިރު ނަމޫނާ ވެބް ސައިޓުތަކެއް ބުނެދެވިދާނެއެވެ. އަދި އިންޓަރނެޓުގެ ކޮންމެ ކޮންމެ ސައިޓަކުން މަޢުލޫމާތެއް ނެގިޔަކަސް ފައިދާއެއް ނުވާނެކަމާއި އިންޓަރނެޓަށް ވަދެގެން އުޅުމުގެ އަދަބުތަކެއް ދަރިވަރުންނަށް ކިޔައިދެވިދާނެއެވެ.
މީގެ އިތުރުން އެފަދަ މަޢުލޫމާތުތައް ބެލެނިވެރިންނާއި ހިއްސާކުރުމަކީ ވަރަށް އެދެވިގެން ވާކަމެކެވެ. ސަބަބަކީ ދަރިވަރުން ސްކޫލުގެ މާހައުލުން ނުކުތުމަށްފަހު އެކުދިންގެ ކަންކަން އެންމެ ގާތުން ބެލޭނެ ބަޔަކީ ބެލެނިވެރިންނެވެ. ކޮންމެ ސައިޓަކަށް ދަރިވަރަށް ވަދެވިގެން ނުވާނެކަމަށާއި ފެމެލީ ފްރެންޑްލީ ނުވަތަ ޗައިލްޑް ފްރެންޑްލީ ސައިޓްތަކަށް އެކަނި ވަދެވޭގޮތަށް އިންތިޒާމުކުރުމަކީ ކިހާ މުޙިއްމު ކަމެއްކަން ބެލެނިވެރިންނަށް ވިސްނައިދިނުމަކީ އޭގެ ސަބަބުން މުސްތަޤުބަލުގައި ދަރިވަރުން އިންޓަރނެޓް ބޭނުން ކުރުމުގައި ރިވެތި އަޚުލާޤެއް ގެންގުޅުމަށް މަގުފަހިވާނެކެމެކެވެ.

7 ކައިރި މުސްތަޤުބަލުގައި، މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް އަންނާނެ ބަދަލުތައް

ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރާ މިންވަރު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ކްލާސްރޫމްތައް ޑިޒައިން ކުރެވެނީ ނުވަތަ ފަރުމާކުރެވެނީ މަލްޓިމީޑިޔާއަށް ޚާއްޞަކުރެވިގެންނެވެ. ސްމާރޓް ބޯޑާއި ޕްރޮޖެކްޓަރ ފަދަ ތަކެއްޗަކީ މިހާރު އެންމެ އަދާއިގެ ތަކެއްޗަށް ވަނީ ވެފައެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި ހަލުވިކަމާއި އެކު މިއާއި ތަފާއި އެތައް އާލަތެއް މިހާރު އަންނަނީ ތަޢާރަފް ކުރަމުންނެވެ.
ރާއްޖޭގެ ސްކޫލުތަކަކީވެސް އެއްދުވަހުން އަނެއް ދުވަހަށް މަލްޓިމީޑިޔާގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ  ސްކޫލުތަކެކެވެ.  މިގޮތުން  ކުރިން  ބަޔާންކުރި ފަދައިން ޕްރޮޖެކްޓަރާއި ސްމާރޓް ބޯޑަކީ ބަޔެއް ސްކޫލްތަކަށް އެހާ އާ އެއްޗެހި ތަކަކަށް ނުވެއެވެ.
ވީއިރު މުސްތަޤުބަލުގައި ރާއްޖޭގެ ސްކޫލުތަކުގައިވެސް ތަރައްޤީވެފައިވާ ޤައުމުތަކުގައި ބޭނުންކުރާ މަލްޓިމީޑިޔާގެ އާލަތްތައް ތަޢާރަފްވެ ކިޔަވައިދިނުމަށާއި ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ.
މިގޮތުން ދަރިވަރުން، ބޮޑުއަގުދީފައި ފޮތް ފަންސުރު ގަތުމަކީ ފެންނާނެ މަންޒަރުތަކެއް ކަމުގައެއް ނުވާނެއެވެ. އޭގެ ބަދަލުގައި ފޮތްތަކުގެ ގޮތުގައި ގެންގުޅޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ޓެބްލެޓާއި އެއްގޮތް ކުޑަކުޑަ އާލަތެކެވެ. ހުރިހާ ފޮތްތަކެއް ހުންނާނީ އޭގައި އިންސްޓޯލް ނުވަތަ ފައިލް ކުރެވިފައެވެ. ލިޔުމަށްޓަކައި ގަލަމެއް ނުވަތަ ފަންސުރެއްވެސް ބޭނުމެއް ނުވާނެއެވެ. ޓަޗް ކީބޯޑުގެ އެހީގައި ލިޔެހަދާކަށް އުނދަގުލެއް ނުވާނެއެވެ.

ކްލާސްރޫމަށް ބަލާއިރު ބްލެކް ބޯޑް ނުވަތަ ވައިޓް ބޯޑް އަދި ޗޯކް ނުވަތަ މާކަރު ގެންގުޅޭ ތަނެއް ނުފެންނާނެއެވެ. އެތަކެތީގެ ދައުރު ފުރިހަމަ ކުރާނީ ކްލާސްރޫމްގެ [ހަތަރުގަނޑު ފާރެވެ]. އަދި މާކަރުގެ ބަދަލުގައި އަތުގެ އިނގިލިތަކުން ހުރިހާ ކަމެއް ކުރެވޭނެއެވެ.
މަލްޓިމީޑިޔާގެ އެހީގައި މުސްތަޤުބަލުގައި ޓެސްޓްތައް ހަދާކަށް ބޮޑު ހޯލެއް ބެނުމެއް ނުވާނެއެވެ. ހުރިހާ ޓެސްޓްތަކެއްވެސް ގޭގެ ކޮޓަރިތެރޭގައި ނުވަތަ ސިޓިންގރޫމްގައި އިނދެލައިގެން ހެދޭނެއެވެ. ނަތީޖާ ލިބޭނެ ދުވަހަކަށް ދިގު އިންތިޒާރެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ޓެސްޓްހަދާ ނިންމާލާތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނަތީޖާވެސް ލިބޭނެއެވެ.
އަދި މިނޫނަސް އެތައް ކުރިއެރުންތަކެއް ތަޢުލީމީ ދާއިރާއަށް މަލްޓިމީޑިޔާގެ އެހީގައި އަންނާނެއެވެ.

8 ނިންމުން

ޖަނަވާރުގެ ހަމުގަޔާއި ފަތްފަތުގައި ލިޔެގެން ޢިލްމު ޙާޞިލްކުރި ޒަމާން ނިމި ޓެކްނޮލޮޖީގެ ޒަމާނަށް ލޯހުޅުވިފައި ވާއިރު މަލްޓިމީޑިޔާގެ ސަބަބުން ތަޢުލީމީ ދާއިރާއަށް މިވަނީ ހީވެސް ނުކުރާހާ ބޮޑު ތަރައްޤީއެއް ލިބިފައެވެ. އަދި މުސްތަޤުބަލުގައިވެސް މި ކުރިއެރުންތައް އަންނާނީ އިތުރުވަމުންނެވެ. ކިޔަވައިދިނުމުގައި ހޮލޯގްރާމް ފަދަ ޓޫލްސްތައް ބޭނުންކުރުމުގެ ސަބަބުން މުދައްރިސުންނަށް ނުހަނު ބޮޑެތި ފަސޭހަތެކެއް ލިބިފައިވެއެވެ. އަދި އެފަދަ ޓޫލްސްތަކުގެ އެހީގައި ކިޔެވުމުގެ ސަބަބުން ދަރިވަރުންގެ ޤާބިލުކަން އިތުރުވެ ކުދިންގެ ނަތީޖާވެސް ރަނގަޅުވެއެވެ.


9 ރެފަރެންސް

1.     އިބްރާހީމް ނަސްރީން (2013). މަލްޓިމީޑިޔާ ޓެކްނޮލޮޖީ ފޯރ ޓީޗަރސް. ހޭންޑްއައުޓްސް.
2.     މާރކް އެލްސަމް ކުކް (2001). ޕްރިންސިޕަލްސް އޮފް އިންޓަރެކްޓިވް މަލްޓިމީޑިޔާ. އެމް.ސީ ގްރޯ ހިލް ކޮމްޕެނީ. ލަންޑަން.
3.     ހުސެއިން ނޫރީ، އަބްދަސް ޝާހިދު (2005). ދަ އެފެކްޓްސް އޮފް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންސް އޮން ސްޓޫޑެންޓް ލަރނިންގ. ގްލޯބަލް ޕަރސްޕެކްޓިވްސް އިން އެކައުންޓިންގ އެޑިޔުކޭޝަން. ދެވަނަ ވޮލިޔުމް.
4.     ރަޔާން ޓީ ޖަރޓްނަރ (2011). ދަ އެފެކްޓްސް އޮފް މަލްޓިމީޑިޔާ ޓެކްނޮލޮޖީ އޮން ލަރނިންގ. ތީސީސް. ފެކަލްޓީ އޮފް ގްރެޖްއޭޓް ސްކޫލް. އެބިލޭން ކްރިސްޓިއަން ޔުނިވަރސިޓީ.
5.     http://www.nytimes.com/2008/12/03/education/03college.html?_r=0 ނެގީ 28 އޭޕްރީލް 2013.

1 comment: